21-07-2024

އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ލިބޭނެ: އިޙްސާން

 

"ކުރަނގި" ފޭސް 2ގައި އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ވަޒީރު މިފަދައިން ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" ފޭސް 2 އިފްތިތާހްކުރުމަށާއި "ނާރެސް" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ.

 

އޮޕަރޭޝަން ކުރަނގި ފޭސް 2 ފެށިއިރު، ކައުންސިލްތަކަށް ވަނީ ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާ ކޮށްފައެވެ. މިއާއެކު ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މުޅި ރަށުގައި ތިބޭ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނސިޓްރީން ވަނީ ނިންމާފައެވެ.

 

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އަޙްސާން ވިދާޅުވީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެއީކޮން ބައެއްކަން ދެނެގަނެ އެ މީހުންނާއި ދޭތެރޭގައި އަޅަަން ޖެހޭ ގާނޫނީ ފިޔަވަޅު، މަގުފަހިވެގެން ދާނީ މި އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު ނެގިގެން ކަމަށެވެ.

 

އަދި އެ އޮޕަރޭޝަންގެ ފޭސް 2 ގެ ޒަރިއްޔާގައި މިހާރު އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤަވާއިދާއި، ހިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަަ އެ މީހާގެ ފޮޓޯގެ ނަގާ ހިސާބުން، އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، ކީއްކުރަން އައިސް ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

"މިގޮތުން ރަށްރަށުގައި ތިބެގެން ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމާއި އެކުގައި އަޅުގަނޑުމެންގެ ހެދިފައިވާ ސެންޓްރަލް ޑޭޓާ ބޭސްއަށް މި ޑޭޓާ ޕޫލް ކުރާނެ، އެއަށް ފަހުގައި ކައުންސިލަށް އޮޓޯއިން އެ ސިސްޓަމްގެ ޒަރިއްޔައިން ބެލޭނެ އެރަށުގައި ތިބި ބިދޭސީންގެ ދަފްތަރު. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން"

 

މިނިސްޓަރ ވިދާޅުވީ އަމާޒަކީ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ. އަދި 1 އަހަރުގެ ތެރޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ޖެހިގެން އަންނަ 2 އަހަރު އެފަދަ މީހުން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.