08-12-2025

ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމްކުރަންޖެހޭ: ޑރ. ކިނާނަތު

ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމްކުރަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

 

ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން އައު ފީޗަރސްތަކަކާއެކު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ކިނާނަތު ވިދާޅުވީ އިންފޮމޭޝަން ސިސްޓަމްތަކެއް ހަދައި، ގިނަ ޑޭޓާ ލިބުނު ނަމަވެސް ޑޭޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

 

އަދި ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުން އެއީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ސްޓޭޓް ކިނާނަތު ވަނީ ބޭރު ޤައުމުތަކުގައިވެސް ނިންމުންތައް ނިންމަނީ ޑޭޓާ އެނަލައިސްކޮށްގެން ކަމަށް ވިދާޅުވެފައެވެ. ދިރާސާކުރުން އެއީ މުހިންމު ކަމެއް ކަމަށާއި ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކުރަންޖެހޭ ކަމަށް ސްޓޭޓް ވިދާޅުވިއެވެ.

 

އިދާރާތަކުން ހަދާ ސޮފްޓްވެއަރތަކާއި ބޭނުންކުރާ ހަރޑްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ ސްޓޭޓް ވަނީ ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ޤާނޫނުތަކެއް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

 

އަދި އެކަމަށް ގިނަ މަސައްކަތްތަކެއްކުރައްވަމުން އަންނަކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.

 

"ސައިބަރ ސެކިއުރިޓީއާ ބެހޭ ޤާނޫނާއި ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ ޤާނޫނުގެ ޑްރާފްޓް އެކުލަވާލައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފަ. ޑިޖިޓަލް އައިޑީގެ ޤާނޫނަކާއި މޯލްޑިވްސް 2.0 ގެ ޤާނޫނެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން. މީގެ އިތުރުން އާޓިފިޝަލް އިންޓަލިޖެންސްއާ ބެހޭ ޤާނޫނެއްވެސް ހެދޭނެ. މި ޤާނޫނުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް  2.0 ގެ މަޝްރޫޢުގެ ދަށުން ފަންނިއްޔާތުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުމުގެ މަޤުޞަދުގަ. ސްޓޭޓް މިނިސްޓަރ"

 

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.

 

އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.

 

މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.