30-11-2025

82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ހަދިޔާކޮށްފި

 

ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ.

 

މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

 

މި އުޅަނދު ރަސްމީކޮށް ޙަވާލުކޮށްދެއްވީ، ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، ވަޒީރު ޢަލީ އިޙްސާނެވެ.

 

މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް"ގެ ދަށުން ހަދިޔާ ކުރި އުޅަނދެކެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑްއާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

 

މި އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ދިވެހިރާއްޖޭގައި ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ބައިވެރިވެފައިވެއެވެ.

 

މި ޙަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ އާއި، ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު، މިނިސްޓަރ ޢަލީ އިޙްސާނާއި، ޖަޕާނުގެ ސަފީރު މިސް އިޝިޤާމީ ރުމީކޯ އަދި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ބޭފުޅުން، އުޅަނދު ބާއްވާފައިވާ މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން އުޅަނދު ބައްލަވާލެއްވިއެވެ.