24-11-2025

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެހިގެން އުޅުމުގެ ފުރުސަތު ދިވެހި ފުލުހުން ނުދޭނެ: ވަޒީރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެހިގެން އުޅުމުގެ ފުރުސަތު ދިވެހި ފުލުހުން ނުދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ސަރުކާރަށް  2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމީ ޝަރީއަތުގައި ދެވެން އޮންނަ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުންވެސް މި ނުރައްކާތެރިވަބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށް ވިދާޅުވެފައެވެ.

 

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގުގެ ވިޔަފާރި ކުރާ މައި ނެޓްވޯކްތަކުގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

 

"ޑްރަގުގެ ވިޔަފާރި ކުރާ މީހުންނަނީ މި ސޮސައިޓީގަ އަޅުގަނޑު ކުރިންވެސް ދެންނެވިހެން އުޅެން އުނދަގޫވާ ބަޔަކަށް ހަދާނަން. ސަބަބަކީ ދިވެހި ފުލުހުން އެ ޖާގައެއް ނުދޭނެ އެ މީހުންނަށް ހަމަޖެހިލައިގެން ރާއްޖޭގެ ޒުވާނުން އަދި ރާއްޖޭގެ އާއިލާތަކުގެ ހާލަތު ހަލާކުކޮށްލާކަށް. އެ ނަޒަރިއްޔާއިން އަޅުގަނޑުމެންގެ މަސައްކަތްތައް މިހުރީ. އެހެންވީމަ މި ޓާގެޓްތަކާ ދެކޮޅަށް މަސައްކަތް ކުރާނީ. ވަޒީރު"

 

ވަޒީރު ވިދާޅުވީ އެ ފަރާތްތަކުން މަސްތުވާތެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށެވެ .

 

ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ޙައްލުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

އަދި ޑްރަގުގެ ވަބާގައި ޖެހިފައި ތިބި މީހުން ޖަލަށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސައްކަތުގެ ފޯކަސް ހުރީ ފަރުވާގެ ނިޒާމުގެ ތެރެއިން އެ މީހުން ރަނގަޅު ކުރުން ކަމަށެވެ.

 

އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފަރުވާދޭ މަރުކަޒުތަކެއް ހެދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ވިދާޅުވިއެވެ.

 

ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށިނަމަވެސް ހަޤީގީ މާނައިގައި ނަތީޖާ ނެރެދެމުންމިދަނީ އަދުގެ ސަރުކާރުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައްވެސް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގާއިމްކުރެވިފައިނުވާ ކަމަށެވެ. އެގޮތުން ރައީސްގެ އިސްނެންގެވުމާއެކު 3 ރަށެއްގައި މިހާރުވެސް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.