23-10-2025

ލ.ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފި

ލ.ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފިއެވެ.

 

ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

 

މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔޫސުފް ނަޝީދުއެވެ.

 

މިމަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.

 

މި މަސައްކަތަކީ ވެލިދު އާއި ކާށިދޫ އަދި ލ. ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރުޢޫގައި ހިމެނޭ އެއް ރަށެވެ.

 

މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާއާ އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެވެ.

 

ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ ޢަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.

 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާޙުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.