18-07-2024

"ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި މި މަހުގެ 19 ވަނަ ދުވަހު ލޯންޗުކުރަނީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

 

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ބައިވެރިވެވަޑައިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އިތުރަށް ފުޅާކޮށް މި މަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި މި އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

 

ނަމަވެސް މިހާރު މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީ ފަށަން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

 

މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަންގެ ހަދާ ބަޔޮމެޓްރިކް އައިޑެންޓިފިކޭޝަންގެ ތެރެއިން ފިންގަޕްރިންޓާއި ފޭޝަލް ރިކޮގްނިޝަން ވެސް ހަދާނެ ކަމަށެވެ. އަދި އަލަށް ހަދާ ޑާޓާބޭސް އަށް އަހުލުވެރިކުރުވުމަށް ކޮންމެ ރަށެއްގެ ކައުންސިލުން ތިން ބޭފުޅުން ގެނެސް ތަމްރީން ކުރާނެ ކަމަށާއި އަދި ކައުންސިލުން ބޭނުންވާ ފިންގާޕްރިންޓް ސެންސްރުތައް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

 

މިނިސްޓަރ ވިދާޅުވީ 2013 ގެ ކުރިން ރާއްޖޭގައި އުޅެފައިވާ ބިދޭސީން ޑޭޓާ ސާފު ނުވާ ކަމަށެވެ. އަދި އެއީ އެމީހުންގެ ފިންގަޕްރިންޓް ރިކޯޑު ކުރެވިފައި ނެތުމާއި ޕާސްޕޯޓު ޑިޖިޓަލައިޒްކޮށްފައި ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެހެންވެ "ކުރަނގި" އޮޕަރޭޝަން ފަށައި ފުރަތަމަ ފިޔަވަހީގައި މި މަސައްކަތް ކުރެވުނު ކ. ހިންމަފުށި އަދި ކ. މާފުށިން ނެގުނު ރިކޯޑުތަކުން ފެންނަ ގޮތުގައި ހިންމަފުށީގައި 705 ބިދޭސީން އުޅޭ ކަމަށް ދެއްކި ނަމަވެސް އަސްލު އެ ރަށުގައި 800 އަށް ވުރެ ގިނަ ބިދޭސީން ތިބިކަން އެނގިފައިވާ ކަމަށެވެ.

 

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުން ހައްލުތަކެއް ހޯދޭނެ ކަމަށެވެ. ބިދޭސީންގެ ދަފްތަރެއް ބަލަހައްޓަން އިމިގްރޭޝަންގެ ގާނޫނުގައި ލާޒިމުކޮށްފައިވީ ނަމަވެސް މީގެ ކުރިން އެ މަސައްކަތް ރަނގަޅަށް ކޮށްފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.

 

ކުރަނގި އޮޕަރޭޝަނުންދޭ މައުލޫމާތުތަކަށް ކައުންސިލްތަކަށް އަދި ފުލުހުންނަށްވެސް އެކްސެސް ވެވޭނެ ގޮތް ހަދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަމާ ގުޅޭ އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން ބިދޭސީއެއްގެ ފޮޓޯއެއް ނެގުމުން އެއީ ކޮންތާކު، ކީއްކުރަން، ކޮން ރަށެއްގައި ހުންނަން ޖެހޭ، ކޮން ކުންފުންޏަކުން ގެނެސްފައިވާ އަދި ގަވާއިދާ އެއްގޮތަށް ނުވަތަ ހިލާފަށް އައިސް އުޅޭ ބިދޭސީއެއްތޯ ވަގުތުން ބެލޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.