13-10-2025

"ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމުން"

ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމަަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

 

ވަރކް ޕަރމިޓު ބާތިލުކުރުމާއި ގުޅޭ ގޮތުން ދާޚިލީ ވުޒާރާއިން ނެރުނު އިޢުލާނުގައި ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވަރކް ޕަރމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކުރެވޭނެ ކަމަށެވެ.

 

މި ގޮތުގެ މަތިން ބާޠިލުކުރެވޭ ވަރކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕަރމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ޚަލާޞްކުރުމުން ކަމުގައިވެސް އެ އިޢުލާނުގައިވެއެވެ.

 

އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ފޮރިން ލޭބަރގެ ހެލްޕް ސެންޓަރުގެ ނަންބަރު 1485އަށް ގުޅުއްވުމަށް ނުވަތަ [email protected]އަށް އީމެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަންވެސް މިހާރު ވަނީ ނިންމާފައެވެ.

 

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. އޭގެތެރެއިން 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މިހާތަނަށް އަދަހަމަކޮށްފަނުވާކަން ވަނީ ފާހަގަވެފައެވެ.

 

އެހެންކަމުން އެ ހުރިހާ އެންމެންގެ ބަޔޯމެޓްރިކްސް އަންނަ ނޮވެމްބަރު މަހުގެ 15ގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަދާހަމަކުރުމަށް މިނިސްޓްރީން ވަނި މުހުލަތެއް ދީފައެވެ.

 

މި މުހުލަތު މިހެން ދީފައިވަނިކޮށް އިމިގްރޭޝަނުން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވަޒީފާދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް މިއަދު އެދިފައެވެ.

 

އަދި މި މުއްދަތުގެ ތެރޭގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް، އެފަދަ ބިދޭސީންނާއި އެ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.

 

އެން.ސީ.އައި.ޓީ އިމާރާތުގައި ޤާއިމްކޮށްފައިވާ ޖޮކް ސެންޓަރުން، ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

 

ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000  އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޯދާފައެވެ.