17-07-2024

ދައުލަތުގެ މުދަލަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނަން: ވަޒީރު އިޙްސާން

ދައުލަތުގެ މުދަލަކަށް އެއްވެސް މީހަކު ގައްދާރުވެފައިވާނަމަ އެ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު މިހެން ވިދާޅުވީ، ހޯމް ޓީމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރީ ސަރުކާރުން ކޮށްފައިވާ ޚިޔާނާތްތަކުގެ މައްސަލައިގައި ތަހްގީގު ކުރިޔަށް ނުގެންދާ ކަމަށާއި، އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާ ކަމަށް ބުނެ، އެ ފަދަ މައްސަލަތަކާއި ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

 

މިނިސްޓަރު ވިދާޅުވީ، ފުލުހުން އެ މައްސަލަތައް ތަހުގީގު ނުކުރާކަމަށް ބުނަމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، މިހާރުވެސް އެފަދަ މައްސަލަތަކެއްގެ ތަހުގީގުތައް ކުރިޔަށްދާ ކަމަށެވެ. އަދި، ދައުލަތުގެ އެސްޓްސްތަކަށް އެއްވެސް މީހަކު ގައްދާރުވެފައި ވާނަމަ އެ މައްސަލަ ބަލާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

"ކުރީ ސަރުކާރެއް އެހެން ސަރުކާރެއް ކިޔާނެކަމެއް ނެތް. އަޅުގަނޑުމެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން އެއްވެސް މަސައްކަތެއް ނުކުރާނެ. އެހެންނަމަވެސް، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް އެއްވެސް ބަޔަކު ޚިޔާނާތްތެރިވެފައިވާކަމަށް ވެއްޖިއްޔާ އެ މައްސަލަ ބަލާނަން. ވަޒީރު އިޙްސާން"

 

މިނިސްޓަރ ވިދާޅުވީ، ގެއްލިފައިވާ ދައުލަތުގެ މުދާތައް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، ފުލުހުންގެ ޓާގެޓަކީވެސް އެކަން އެގޮތަށް ތަންފީޒުކުރުން ކަމަށެވެ. އެގޮތުން މިހާރުވެސް ދެ ކުންފުންޏެއްގެ ތަހުގީގު ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އޭސީސީއާ ގުޅިގެން ކުރިޔަށް އޮތް ތާނގައިވެސް މަސައްކަތްތައް ކުރާނެ ކަމަށާއި، ފުލުހުންގެ ފަރާތުން އެ ތަހުގީގުތަކުގައި އޭސީސީއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

 

އަދި އަދުގެ ސަރުކާރަކީ އެންމެ ޓްރާންސްޕޭރެންޓް ސަރުކާރު ކަމަށާއި މިފަދަ ޚިޔާނާތްތަކުގެ މައުލޫމާތުތައް ހިފެހެއްޓުމެއްނެތި ހާމަކުރަމުންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވަކިން ޚާއްސަކޮށް މިނިސްޓްރީން އެއްވެސް ކަމެއް ނުފޮރުވައި މައުލޫމާތު ނޫސްވެރިންނާއި ވެސް ހިއްސާކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.