ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.ހަނިމާދޫގައި ފަށައިފިއެވެ.
ހަނިމާދޫއަކީ އައިޑީކާޑުގެ ޚިދުމަތް ފެށި 34 ވަނަ ރަށެވެ.
އޮގަސްޓު 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތީ އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ.
އެކަމަށް އިޖާބަދެއްވައި، 39 ދުވަހުގެ ތެރޭގައި ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރައްވައި، މި ޚިދުމަތް ރަސްމީކޮށް ފެއްޓީ އިއްޔެގެ ވަގުތެއްގައެވެ.
މި ޚިދުމަތުގެ ސަބަބުން، ހަނިމާދޫގެ ރައްޔިތުންނަށް އެމީހުންގެ އައިޑީ ކާޑު ސީދާ އެ ރަށުން ލިބިގެންދާނެއެވެ.
މި މުހިންމު ފިޔަވަޅަކީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް
ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ބައެކެވެ. 2024 ނޮވެމްބަރު 17 ގައި މި މަސައްކަތް ފެށުނީއްސުރެ، ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ކާމިޔާބުކަމާއެކު ވަނީ ޤާއިމުކުރެވިފައިވެއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، އަދި ވިލިމާލޭގައި އައު އޮފީސްތައް ޤާއިމުކޮށް އައިޑީ ކާޑުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.