25-09-2025

އޮމަދޫ އަދި ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ތ. އޮމަދޫ އަދި ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

 

އޮމަދޫ އަދި ވޭމަންޑޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫ އަދި ވޭމަންޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ދެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މުހައްމަދު ނަޖާހްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު ރިޔާޟް އާއި މެމްބަރު ޢަލީ އަޝްރަގް އަދި އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢާދިލްގެ އިތުރުން ވޭމަންޑޫ ރަށު ކައުންސިލްގެ ރައީސް ރަޝްވާން އާދަމްއެވެ.

 

މި ދެ ރަސްމިއްޔާތުގައިވެސް ފުލުހުންގެ އެކި ބަހާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިމަސައްކަތްތައް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

 

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

 

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

 

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.