08-07-2024

ބިދޭސީންގެ މައުލޫމާތު އެއްކުރަން ކައުންސިލްތައް ތަމްރީނުކުރަނީ

 

އޮޕަރޭޝަން ކުރަނގި މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، މި މަސައްކަތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތައް ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް މި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

 

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، މިކަމާ ގުޅިގެން ކައުންސިލްތައް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 18 އިން  20 އަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށް ފަހު ބަޔޯ މެޓްރިކްސް ޑާޓާ ނެގުމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދީ، ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކައުންސިލާއި ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

"ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ބަޔޯ މެޓްރިކް މަޢުލޫމާތު ރައްކާކުރެވޭނެ ޑިވައިސްތައް މިހާރު އަޅުގަނޑުމެން އަތުގައި އެބަހުރި ހަމަ ދެވޭނެ ވަރަށް. އަދި މިކަމުގެ ޕޯޓަލް ބޭނުންކުރާނެ ގޮތާއި އަދާހަމަކުރާނެ ގޮތްތައް ތަމްރީންގެ ތެރެއިން ބުނެދިނުމުން ކައުންސިލްތަކާއި ފުލުހުން ގުޅިގެން މިމަސައްކަތް ރަށްރަށުގައި ކުރާނީ. އަދި އެކަމުގައި ބޭނުންވާނެ އެހީތެރިކަން ދޭން ވުޒަރާ އޮންނާނީ ތައްޔާރަށް،" ނައިބު އަޝްރަފް މުޙައްމަދު ޢަލީ

 

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދާޚިލީ ވުޒާރާއިން ވަނީ ކ. މާފުށި އަދި ކ. ހިންމަފުށި ގައި އޮޕަރޭޝަން ކުރަނގިގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ހިންމަފުށީގައި ދިރިއުޅޭ 705 ބިދޭސީންގެ މައުލޫމާތާއި މާފުށީގައި ދިރިއުޅޭ 1076 ބިދޭސީންގެ މައުލޫމާތު ނަގައިފައިވެއެވެ.

 

ޕައިލެޓް ޕްރޮގުރާމުގެ ތަޖުރިބާއަށް ބަލާއިރު، ވަކި ވަކި ރަށްރަށުގައި މިކަން ކުރާނަމަ ބިދޭސީން މިނިޒާމުގެ ތެރެއަށް ނުވަދެ އެހެން ރަށްތަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއްފަހަރާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމުން މިނިޒާމަށް ނުވަދެ ތިބި ބިދޭސީން ނުތިބޭނެކަމަށާއި، ފުލުހުންނާއި ކައުންސިލްތައް މިކަމުގައި ބައިވެރިކުރުވުމުން ކުދި އާބާދީތަކުގައި މިމައްސަލަ އަވަހަށް ޙައްލުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

 

ދާޚިލީ ވަޒީރު އަލީ އިޙުސާން މީގެކުރިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުމެވެ.

 

މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

 

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.