04-07-2024

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ފަރުވާއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުން މިއަދު ބާއްވާފަވާއިރު އެ ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ މިއަދުގެ ޖަލްސާއަށް 10 މެމްބަރުންވެސް ވަޑައިގެންނެވި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެންޑީއޭގެ ޕާފޯމަންސް އިވެލުއޭޝަނެއްގެ ގޮތުން މެނޭޖްމަންޓް އޮޑިޓް ކުރުމުގެ މަސައްކަތް ބޯޑުން ކުރިއަށްގެންދެވި ކަމަށް ލުބުނާ ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ފަރުވާ ދިނުމުގަ ލާޒިމްކޮށްފަ ހުންނަ ކަންކަމާއި އަދި ފަރުވާއިން ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. އެންމެ މުހިންމު ކަމެއްގެ ގޮތުގަ ގަވާއިދުގެ ތިންވަނަ ނަންބަރުގަ ލާޒިމް ކުރާ ވައިސް ޗެއާއެއް މިއަދު ވަނީ އައްޔަންކުރައްވާފަ. އެގޮތުން އައްޔަން ކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޒް އިސްމާޢީލް ޒާހިރު. އެންޑީއޭގެ ބޯޑުގެ ޗެއާމަން އަލްއުސްތާޛާ ލުބްނާ ޒާހިރު"

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށްވެސް ވަކި ޚާއްސަ ޓާސްކްތަކެއް ނަންގަވާފައިވާކަން ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ އެންޑީއޭގެ ބޯޑު ބައްދަލުވުން ހާފްތާއަކު އެއް ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށާއި ބޯޑުގެ ގަވާއިދު އިސްލާހު ކުރުމަށް މިހާރު ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.

"ދެން މިއަދު ހައިލައިޓް ކުރެވުނު ކަންކަމުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސްތުވާތަކެތީގެ ގާނޫނު ތަންފީޒު ކުރުމުގަ އަދި ފަރުވާ ދިނުމުގަ އެންޑީއޭއާއެކު މަސައްކަތް ކުރުމުގަ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ހަމަ ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީންވެސް ވާހަކަ ދެކެވުނު. އަދި ކަސްޓަމްސްގެ ފަރާތުން ޑްރަގް ސަޕްލައިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ ކަންތައްތަކެއް ކުރިއަށް އޮތްތަނުގަ ކުރުމަށް ބޯޑުގައި ވަނީ ނިންމަވާފަ. އެންޑީއޭގެ ބޯޑުގެ ޗެއާމަން އަލްއުސްތާޛާ ލުބްނާ ޒާހިރު"

އަދި ހަމަމިއާއެކު ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ ބޯޑުގެ މެމްބަރުންގެ މެދުގައި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލްސޮސައިޓީގެ ފަރާތުން ޖާނީގެ މެމްބަރު އަހުމަދު އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެންޑީއޭއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވުރެ ނުކުރެވޭ މަސައްކަތްތައް ގިނަ ކަމަށެވެ.