23-07-2025

ނ. ފޮއްދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

 

މިއަދު ހެނދުނު ފޮއްދޫގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

 

ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުން އައު މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު މޫސާއެވެ.

 

 

މި ރަސްމިއްޔާތުގައި ފޮއްދޫ ކައުންސިލް މެމްބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެލެއްވިއެވެ.

 

ފޮއްދޫ ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

 

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

 

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

 

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.

 

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

 

އެގޮތުން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރެއްވުމަށް އަމާޒުހިފާފައިވާ ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

 

މީގެއިތުރުން ވަޒީރު ވަނީ، ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.