ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރެވޭނީ ހުރިހާ އެންމެންގެވެސް އެއްބާރުލުމާއި އެހީތެރިކަމާއެކުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށްދާ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ކްރޮސްރޯޑުގައި ފެށި މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން އިންސާނީ ވަގުފާރީގެ މައްސަލައަށް އެދެވޭ ހައްލެއް ނުގެވޭނެ ކަމަށެވެ.
"ހިއުމަން ޓްރެފިކިންގެ ނިޒާމަކީ ޤާނޫނު ފުރިހަމަކޮށްދީފައިވާ ނިޒާމެއް ނޫން. އަދި ނިޒާމުގައި މިހާތަނަށް ކަނޑައަޅާފައިވަނީ ވިކްޓިމްސް ބެލެހެއްޓުމަކީ ހަމައެކަނި އެންޓި ޓްރެފިކިންގ އެންޑް ޕާސަންސް އޮފީހުގެ މަސްއޫލިއްޔަތެއް ކަމަށް. އަޅުގަނޑު އެއްވެސް ހާލަތެއްގައި ނުދަންނަވަން މިއީ މި އޮފީހުގެ މަސްއޫލިއްޔަތެއް ނޫނޭ. އެކަމަކު މި މައްސަލަ އަޅުގަނޑުމެންނަށް ހައްލުކުރެވޭނީ ހުރިހާ އެންމެންގެވެސް އެއްބާރުލުމާއި އެހީތެރިކަމާއެކު." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް
ކްރޮސް ރޯޑްސް މޯލްޑިވްސްގައި ދެ ދުވަހަށް ކުރިއަށްގެންދާ މި ކޮންފރެންސްގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމާއި، އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.
އަދި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމެކެވެ.
އަދި ހަމަމިއާކު، ލާއިންސާނީ އަމަލުތައް މުޖުތަމައުގައި މަދުކުރުމަށް މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދެވެ.