22-05-2025

ޑީޖޭޖޭ އާއި އެންޑީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

 

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި، ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 

މި ފަހުމުނާމާގެ މަޤްޞަދަކީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ޤާނޫނުގެ ދަށުން ޑީޖޭޖޭއަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ޚާއްޞަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމެވެ.

 

އަދި ޑީޖޭޖޭގެ ފަރާތުން ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޙަރަކާތްތަކުގައި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމެވެ.

 

މި ފަހުމުނާމާގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛް އަޙްމަދު ޞިއްދީޤެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރޕާރސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިނެވެ.

 

މިއެއްބަސްވުމާ ގުޅޭގޮތުންވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ ޑީޖޭޖޭ އާއި އެންޑީއޭއަކީވެސް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދެ އިދާރާ ކަމަށާއި އެއްބަސްވުމުގެ ބޭނުމަކީ އެ މަސައްކަތުގައި އެއް އިދާރާއިން އަނެއް އިދާރާއަށް އެއްބާރުލުން ދިނުން ކަމަށެވެ.