ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގުމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި، ވަކިން ޚާއްސަކޮށް ލޯ އެންފޯސްމަންޓް އެޖޭންސީތައް މެދުވެރިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
"އެއީ މަގުމަތީގެ އަގުން ދަންނަވާ ކަމަށްވާނަމަ 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި. އޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށްޓަކައި ހިންގުނު އޮޕަރޭޝަން ތަކުގައި 9000 އަށްވުރެ ގިނަ ރާފުޅި އަތުލައިގަނެފައިވާނެ." ވަޒީރު އިޙްސާން
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓަވާފައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުމަށް ކަމަށެވެ.
"މުޅި ރާއްޖެއަށް ފުޅާކޮށްގެން އޮޕަރޭޝަންތަކެއް އެބަ ހިންގަން. މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ ވެރިންނަށް އަމާޒުކޮށްގެން ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވަނީ ފުވައްމުލަކުގައި. މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން ވަނީ ހައްޔަރުކޮށްފައި. އެމީހުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅި އެ މީހުންގެ މައްސަލަތައް އެދަނީ ކޯޓުތަކުގައި ބަލަމުން." ވަޒީރު އިޙްސާން
ވަޒީރު ވަނީ އެކި ނަންނަމުގައި ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަހާ ފޯރަމްގައި ދެއްވާފައެވެ.