"މޯލްޑިވްސް 2.0"ގެ އިންޤިލާބީ ބަދަލުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
'ދިވެހިރާއްޖެ 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް'އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒުގެ ޑިޖިޓަލް ތަސައްވުރު ހާސިލްކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް "މޯލްޑިވްސް 2.0"ގެ ނަމުގައި ހިންގި ސަމިޓް ނިމުމާއި އެކު ސަމިޓުގައި ނިންމުނު ކަންކަން ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
"މޯލްޑިވްސް 2.0" ސަމިޓުގައި ނިމިގެންދިޔަ މުހިންމު ނިންމުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޤައުމީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިޤުރާރުގައިވާ ކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިއަދު ފަށާފައިވާކަން ސްޓޭޓް ފާހަގަކުރެއްވިއެވެ.
މިގޮތުން ދިވެހިރާއްޖޭގެ ފުރަތަމަ "ޑިޖިޓަލް އައިޑެންޓިޓީ ބިލް" ޑްރާފްޓް ކުރުމުގެ މަސައްކަތް ވާރލްޑް ބޭންކްގެ ހިލޭ އެހީދަށުން ހިންގާ "ޑީމެޑް" ޕްރޮޖެކްޓް މެދުވެރިކޮށްވަނީ ފަށާފައި ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
"މިގޮތުން ދިވެހިރާއްޖޭގެ ފުރަތަމަ "ޑިޖިޓަލް އައިޑެންޓިޓީ ބިލް" ޑްރާފްޓް ކުރުމުގެ މަސައްކަތް ވާރލްޑް ބޭންކްގެ ހިލޭ އެހީދަށުން ހިންގާ "ޑީމެޑް" ޕްރޮޖެކްޓް މެދުވެރިކޮށް މިއަދު ވަނީ ފަށާފަ."މޯލްޑިވްސް 2.0"އަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގުވުމުގެ މަތިން ދިވެހިރާއްޖެ މިހާތަނަށް ނުދެކޭފަދަ ބޮޑު ޑިޖިޓަލް އިންގިލާބެއް ގެނެސް ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ހޯދައިދެއްވުމަށް އެކުލަވާލާފައިވާ މުހިންމު މަޝްރޫއެއް." ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު
ސްޓޭޓް ވިދާޅުވީ އަމާޒުހިފާފައި މިވަނީ މިކަން ވީއެންމެ ބާރު ސްޕީޑެއްގައި ކޮށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކާމިޔާބުކަމާއި އެކު ހާސިލުކުރުމަށް ކަމަށެވެ.
2.0ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ޤާއިމުކުރުން ހިމެނެއެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ އިތުރުން ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އަދި އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.