12-05-2025

"މޯލްޑިވްސް 2.0"ގައި ސަރުކާރުން ޤާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއް: ވަޒީރު

 

"މޯލްޑިވްސް 2.0" ގައި ސަރުކާރުން ޤާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މޯލްޑިވްސް 2.0އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ.

 

ވަޒީރު ވިދާޅުވީ ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދެމުންދާ ޚިދުމަތް ޕޯޓަލެއް މެދުވެރިކޮށް ޚިދުމަތަށް އެދޭ ގޮތަށް ހަދާފައި ކަމަށާއި އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ދޭ ސެޓިފިކެޓްގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލަށް އަޕްލޯޑް ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

 

"ކޮންމެ އިދާރާއެއްގައި ވަކި ފިޒިކަލް ސާވާތަކާއި ޑޭޓާ ސްޓޯކުރާނެ ނިޒާމުތައް ހުންނަނީ ހެދިފަ. މައުލޫމާތު ރިޕީޓްވޭ. ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫޒަރ އެކައުންޓް ހެދިފައިވޭ. އަދި އެކި މީހުން އެކި ފަހަރު މި އެކައުންޓްތައް ބޭނުންކުރޭ. ޓްރޭސިބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރޭ. ސިސްޓަމްތަކުގަ ހުރި ޑޭޓާގެ ރައްކާތެރިކަމާ ސިސްޓަމްތަކުގެ ސެކިއުރިޓީ ގާއިމްކުރެވިފައި ހުރީ އެ ތަނެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެ ވަގުތަކަަށް ކުރެވުނު ވަރަކަށް. އުނދަގޫ އަދި ދެ ފުށް ނުފެންނަ އަދި ސަލާމަޓި ގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް. ކޮރަޕްޝަނަށް އާދަޔާ ޚިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމުތަކެއް. މިއީ މިއަދުގެ މިންގަނޑެއް ނޫން. މިއީ ޒަމާނަށް ފެތޭ ނިޒާމެއްވެސް ނޫން." ވަޒީރު

 

ވަޒީރު ވިދާޅުވީ މިކަންކަން މިގޮތަށް ހުރުމާއެކު ސަރުކާރުން "މޯލްޑިވްސް 2.0"ގެ ސިޔާސަތު ރައްޔިތުންނާ ހަމައަށް ތަންފީޒު ކުރަން ފެށުނީ މި ސަބަބުތަކާ ހުރެ ކަމަށެވެ.

 

"މޯލްޑިވްސް 2.0" ގައި ސަރުކާރުން ގާއިމްކުރާނީ ދެ ފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ޚިދުމަތްދެވޭ ސިސްޓަމްތަކެއް ޤާއިމުކުރެވޭނެ ކަމަށެވެ.

 

އަދި ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއް މަޢުލޫމާތުތަކެއް އިދާރާތަކަށް ހުށައަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް މިނިޒާމު ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މީގެ އިތުރުން ވަޒީރު ވަނީ މިނިޒާމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބަރ ނުރައްކަލަށް ކުރިމަތިލެވޭފަދަ ނިޒާމެއް ކަމަށްވެސް ވިދާޅުވެފައެވެ.

 

އަދި ޒިންމާދާރުކަމާއެކު ނަތީޖާ ނެރެވޭ އަދި ޚަރަދު ކުޑަ ނިޒާމަކަށް މިނިޒާމުވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވަނީ ދެއްވާފައެވެ.