"މޯލްޑިވްސް 2.0" އިން ހާމަވެގެންދަނީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، "މޯލްޑިވްސް 2.0" ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، "މޯލްޑިވްސް 2.0" އާއެކު ފެށިގެން މިދަނީ ރާއްޖެ އިންޤިލާބީ ގޮތުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކަމަށާއި މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއް ކަމަށެވެ.
"މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން އަދި ދައުލަތުގެ 3 ބާރުވެސް ފުރިހަމައަށް ބައިވެރިވާ ގޮތަށް ފަރުމާކޮށްގެން ކުރިއަށްގެންދެވޭ ސިޔާސަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންދެއްވާކަމީ ދައުލަތުގެ ތިން ބާރުއެއްކޮށް މިކަމުގައި މަސައްކަތް ކުރަމުންދާނެ ކަމުގެ އަލިގަދަ ހެއްކެއް." ވަޒީރު ޢަލީ އިޙްސާން
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ރައީސް ވަނީ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިކަން ހާމަކުރައްވާ ވަޒީރު ވަނީ މިއަދު ފެށިގެން މިދަނީ ޑިޖިޓަލައިޒްގެ ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފާގެ މަތިން މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ.
މި ސަމިޓް ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ސަމިޓުގައި "މޯލްޑިވްސް 2.0"ގެ ދަށުން ރާއްޖެ ޑިޖިޓަލައިޒް ވެގެންދާނެ ގޮތް ހާމަވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މުޅި މަސައްކަތް ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރކުރައްވާ، މި ދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
އަދި މި ސިޔާސަތު އެކުލަވާލާއި ތަންފީޒުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި އެންސީއައިޓީއާއި ޓްރޭޑްނެޓުގެ އެންމެހާ ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.