"މޯލްޑިވްސް 2.0" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ "މޯލްޑިވްސް 2.0" ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތައް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދީ، ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެއެވެ.