04-05-2025

"150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފި، މިއީ ކާމިޔާބީއަށް އިތުރުވި އައު ބޮޅެއް"

 

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

 

އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

 

މި މަސައްކަތަކީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި އައު ބޮޅެއްކަން ފާހަގަކުރައްވާ ރައީސް ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުގައި ފެށި އޮޕަރޭޝަން "ކުރަނގި" ގައި މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

 

މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ރައީސް ޑރ. މުޢިއްޒު ވަނީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަންވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.

 

އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ވަނީ ނިގުޅައިގަނެވިފާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.