ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް އެ ރަށު ޕޮލިސް ސްޓޭޝަނުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގެ އެކި ސަރަައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
މީގެ އިތުރުން، ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެފަދަ އެއްވެސް މައްސަލައެއް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.