27-03-2025

އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އަޅަނީ

ހއ. އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޑެޓް، އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ކުރިއަށްގެންދާ މަޝްރޫޢެކެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާއި ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމަށާއި، ހއ.އުލިގަމުގައި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް މިއަދު ވަނީ އެމް.ޓީ.ސީ.ސީއާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

 

މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ޚިދުމަތްތަކެވެ.

 

ނަމަވެސް، މި އައު އިމާރާތް ޤާއިމުކުރެވުމާއެކު، ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވެގެންދާނެއެވެ.

 

ލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަޞީހްއެެވެ.