މިއަހަރުގެ މިނިވަން ދުވަސް މުޅިރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުންނަންވާނީ "މިނިވަން އުފާ" ތީމް އަށެވެ. މުބާރާތް ހުޅުވާލީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.
މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުންނަންވާނީ ޤަވާއިދުގައި ކަނޑައަޅާފައިވާ މައިގަނޑު ހަތަރު ދާއިރާއެއްގެ ތެރޭގައެވެ. އެއީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން، ދިވެހިރާއްޖޭގެ ތާރީޚު، ދިވެހިންގެ އާދަކާދައާއި ސަގާފަތް، އަދި ދިވެހި މުޖުތަމައުގެ މިނިވަންކަމާއި އުފާފާގަތިކަމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިކުރާ ފޮޓޯތައް ހުށަހަޅާނީ އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށެވެ. މުބާރާތުގެ ޤަވާއިދާއި އެހެން މުހިއްމު މައުލޫމާތުތައް ވެބްސައިޓުން ލިބެން ހުންނާނެއެވެ. (https://upamv.org/competitions/)
މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ތިން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މުބާރާތުގެ އެއްވަނައަށް ހޮވޭ ފޮޓޯ ހުށަހަޅާ ފަރާތަކަށް 15,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ކުރިއަށް ގެންދަނީ މިމިނިސްޓްރީއާއި ޔުނައިޓެޑް ފޮޓޯގްރާފަރސް އެސޯސިއޭޝަން ގުޅިގެންނެވެ.