26-05-2023

ޔޫތް ލީޑާރސް ފޯރަމް ކޮޅުފުށީގައި ފަށައިފި

މިއަހަރުގެ ފުރަތަމަ ޔޫތް ލީޑާރސް ފޯރަމް މ.އަތޮޅަށް އަމާޒުކޮށްގެން ކޮޅުފުށީގައި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ, ޔޫތް ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފިއެވެ. ފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.

ފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުالله އެވެ. ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި, މ.އަތޮޅަށްވެސް ވަރަށް މުހިއްމު ފޯރަމަކަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމުގައި ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ޤައުމިއްޔަތުގެ އަސާސްތަކާއެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ އެޤައުމެއް ކުރިއަރާ ދިއުމަށް ވަރަށް މުހިއްމުކަމެއް ކަމަށެވެ.

ޤައުމެއް ބިނާވާނީ, ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެޤައުމެއްގެ ޒުވާން ޖީލަކީ ޢިލްމީ ޤާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރުމަށް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއެކުގައި އަދި ޒުވާނުންނާއެކުގައި ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭ ކަމެއްކަމަށެވެ.

މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މިޝީޢާރުގެ ދަށުންނެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް ލީޑާރސް ނެޓްވޯކްގެ އެޑްވައިޒަރީ ބޯޑްގެ މެންބަރު އަލީ ޒަކީ ވިދާޅުވީ ދެ ޒަވިޔަންޏަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ޒުވާނުންގެ ކުރިމަގި ވަރަށް އުޖާލާވާނެކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންނަކީ ވަރަށް ޒިންމާދާރު އަދި ޒިންމާ ނަގައިގެން މަސައްކަތްކުރާ ބައެއްކަމަށެވެ.

"އެހެންވީމަ ޒުވާނުން ޒިންމާދާރުކަމާއެކުގައި ކުރިއަށްގޮސްފިނަމަ ޤައުމު ތަރައްޤީކުރުމަކަށް ހުރަހެއް ނޯންނާނެ." އަލީ ޒަކީ ވިދާޅުވިއެވެ.

މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި މައިގަނޑު މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ. ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.