29-04-2023

ފުލުހަކަށްވުމީ އަނެކުންނާ ވަރަށް ތަފާތު ވާޖިބުތަކަކާއި, މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ކަމެއް- މިނިސްޓަރ ޢިމްރާން

ފުލުހަކަށްވުމީ އަނެކުންނާ ވަރަށް ތަފާތު ވާޖިބުތަކަކާއި, މަސްއޫލިއްޔަތުތަކަކާއި, ޒިންމާތަކެއް އަދާކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހަކަށް ވުމަކީ ވަރަށް ތަފާތު އިހުސާސްތަކަކާއެކު ހަޔާތުގެ ކޮންމެ ދުވަހެއް, ގަޑިއެއް, މިނިޓެއް, އަދި ސިކުންތެއް ހޭދަކުރަންޖެހޭކަމެއް ކަމަށެވެ.

ފުރިހަމަ ފުލުހަކަށް ވުމަކީ އޭނާގެ ދިރިއުޅުމާއި, އުޅުމާއި ގުޅުންތައް އަދި ބަސްމޮށުންތެރިކަމާއި, މުއާމަލާތްކުރުން މުޅިން އެހެން ލެވެލްއަކަށް ގެންދަންޖެހޭ ޒިންމާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ބިންމައްޗަށް ނޭވާލާ އިންސާނިއްޔަތެއް ދިރިއުޅޭ ކޮންމެ މުޖުތަމައުއަކަށް ކަށަވަރުވާންޖެހޭ އެންމެ އަސާސީ ދެ ކަމުންކުރެ އެއް ކަމަކީ އިންސާނާގެ ފުރާނަޔާއި, ހަށިގަނޑާއި މުދަލަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި, ސަލާމަތާއި އަމާންކަން ކަށަވަރުވުންކަމަށެވެ.

މިއަދުގެ ތަހުޒީބު މުޖުތަމައުތަކުގައި މިޒިންމާ ހަވާލުކުރެވިފައިވަނީ ޔުނީފޯމް އަޅުވާފައިތިބޭ ފުލުހުންނާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އުއްމީދުތައް ވަރަށް މަތިކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރާމެދު ގިނަ ސުވާލުތަކެއް ކުރެވޭއިރު, ފުލުހުންގެ ޚިދުމަތް ކަޑައްތުކޮށްފައިވާ ފުން ވާދީތަކާއި އުސްފަރުބަދަތަކުގެ ތާރީޚާމެދު ހަމަނަޒަރަކުން ވިސްނާލުމަކީ ސަބަބުވެރި އިންސާނުން ކޮންމެހެން ކުރަންވާނެކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އެއާއެކު ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް އަލިއަޅުއްވާލައްވާ ވިދާޅުވީ 2003 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއި ޑިމޮކްރަޓިކް ވިސްނުންތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތަކީ އިންސާނީ މުޖުތަމައުގެ ކަރާމަތަށް އިސްކަންދެވިގެން ފޯރުކޮށްދޭންޖެހޭ މަދަނީ ޚިދުމަތެއްކަން ރުހުމާއި, ނުރުހުމާއެކުވެސް އޭރުތިއްބެވި އިސްވެރިންނަށް ޤަބޫލުކުރަންޖެހުނު ކަމަށެވެ.

2004 ވަނަ އަހަރު ފުލުހުން މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމްކުރެވުނު ނަމަވެސް މިނިސްޓަރ ވިދާޅުވީ 2004 ން 2008 ގެ އިންތިޚާބާ ހަމައަށް ފުލުހުން މަސައްކަތްކުރަން ޖެހުނީ އާދަޔާ ހިލާފް ޤަބޫލުކުރުންތަކެއްގެ ތެރޭގައި ކަމަށެވެ. 

އަދި 2008 ގެ ނޮވެންބަރުން 2012 ފެބްރުއަރީއާ ހަމައަށް ފުލުހުން ދަތުރުކުރީ މުޅިން އެހެން ވާދީއެއްގައިކަމަށް ވިދާޅުވިއެވެ.

2012 ފެބްރުއަރީން 2013 ވަނަ އަހަރުގެ ނޮވެންބަރާ ހަމައަށް ފުލުހުން ހުރަސްކުރަންޖެހުނީވެސް މުޅިންތަފާތު ޖަންގައްޔެއްގައި ކަމަށާއި, 2013 ން 2018 އަށް ފުލުހުން ކުރިމަތިލާންޖެހުނީ މުޅިން އާ ވައްތަރެއްގެ ތޫފާނަކާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2018 ގެ ނޮވެންބަރާ ހަމައަށް އައިއިރު ފުލުހުންގެ ސަފުތައް ވަނީ ރޫޅި ހާވިޔާވެފައި ކަމަށާއި, ލީޑަރޝިޕްވަނީ ބަލިކަށިވެ ނިކަމެތިވެފައިކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ރޭންކުތަކުގެ މެދުގައި އޮތީ ނާމާންކަމާ ބިރުވެރިކަން ފެތުރި ޢާންމުވެފައި ކަމަށެވެ.

"މިހަޤީޤަތްތައް ސާފްވާލެއް ބޮޑުކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ފުލުހުންގެ ހައިބަތާ ގަދަރާއި, ކަރާމާތް އަނބުރާ ހޯދައިދުނުމަށް. ފުލުހުންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދައިދިނުމުގެ އެޖެންޑާއަކައިގެން. ބައިބައިވެފައިވާ ސަފުތައް އެއްކޮށް, ބަލިކަށިވެފައިވާ ލީޑަރޝިޕް ވަރުގަދަކޮށް, މާޔޫސްވެ ނާއުއްމީދުވެފައިވާ އެތައް އޮފިސަރުންގެ އުއްމީދުތައް އުޖާލާ ކުރުވައިގެން. މިސަރުކާރުން ފުލުހުންނާއެކު ފެށީ ބިޔަކަނޑު ހުރަސްކޮށް އަމާން ބަނދަރަކަށް ދިއުމަށް. ވޭތުވެދިޔަ ހަތަރު އަހަރާއި ފަސްމަހުގެ ތެރޭގައި ފުލުހުން ގޮވައިގެން ބިޔަކަނޑު ހުރަސްކޮށް އަމާން އައްސޭރީގެ މަލަމަތި ފެންނަ ހިސާބަށް އަޅުގަނޑުމެން ދަތުރުކޮށްފިން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމާވާލެއްވީ ތަކުރާކޮށް ކުރައްވާ އިލްތިމާސް އަނެއްކާވެސް ތަކުރާރުކުރައްވަމުންނެވެ.

އެއީ ކުށްކުރި އެންމެން އަތުލައިނުގަނެވުނަސް ކުށެއް ނުކުރާ މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނަ ނުދިނުމަށް ކުރައްވާ އިލްތިމާސްއާއި ފުލުހެއްގެ ނުވަތަ މަދު އޮސަރެއްގެ ފުށުން ދިމާވާ ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމް ނުކުރުމަށް ރައްޔިތުންނަށް ކުރައްވާ އިލްތިމާސްއެވެ.