03-03-2025

ހުވަން ލޯންޗު އަޑިޔަށްދިޔަ ހާދިސާ ސީޕީގެ ޝުކުރު ފުލުހުންނަށް

އިއްޔެ ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ޝުކުރު އަދާކުރައްވައިފިއެވެ. ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 07:57 ގައެވެ.

 

ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ އިސްމާޢީލް ނަވީން އަދި ފަރުހާދު ފިކުރީވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަކަށް ތައުރީފުކުރެއްވިއެވެ.

 

ކޮމިޝަނަރ ޝުޖާޢު، ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވައި އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

 

މި އޮޕަރޭޝަންގެ ނާޒުކުކަން ފާހަގަކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއް ކަމުގައެވެ.

 

ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން، 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވައި މަސައްކަތަށް ތައުރީފުކުރެއްވިއެވެ.

 

މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

 

މި ހާދިސާގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.