03-03-2025

48 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

 

48 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

 

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:57 ހާއިރު ކަމަށެވެ.

 

"ހުވަން" ނަމަކަށް ކިޔާ މި ލޯންޗު ދަތުރުކުރަމުން ދިޔައީ އދ. ދިގުރަށުން މާލެއަށް ކަމަށާއި، މިލޯންޗުގައި 45 މީހުންނާއި 3 ފަޅުވެރިން ތިބި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.

 

މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެންވަނީ ސަލާމަތްކޮށްފައެވެ.

 

ފުލުހުން ވިދާޅުވީ މި ހާދިސާގައި ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މިހާރު އެންމެންވެސް ދިގުރަށަށް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

 

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.