އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ މޫސުން ގޯސްވެ ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުމަށާއި ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމާއި ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުން ކުރުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުމަށާއި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލް ދުއްވާއިރު ކުޑަ ބޭނުން ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ރާއްޖޭ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެން ވަދެފައިވާތީ ފެން ހިންދުމުގައި ފުލުހުންނާއި ސިފައިން ވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން، މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މާލެސިޓީގެ މަގުތަކުން ވަނީ 16،911 ޓަނުގެ ފެން ހިންދާފައެވެ.
މީގެއިތުރުން، ފެންބޮޑުވެ މާލޭ ސިޓީގެ އިމާރާތްތަކަށް ފެން ވަދެފައިވާތީ، ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ފުލުހުންނާއި ސިފައިން ވަނީ ކޮށްފައެވެ.