ޗައިނާގެ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނާ މުއާމަލާތުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުނު ޗައިނީޒް ލެންގުއޭޖް ބޭސިކް ކޯސް ނިންމާލައިފިއެވެ.
މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާއި ވިލާ ކޮލެޖާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ފުލުހުންނަށް މެންޑަރިން ބަހުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގި ކޯހެކެވެ.
ދެ މަސްދުވަހުގެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑރ. އަޙްމަދު އަންވަރެވެ. އަދި ޗައިނާގެ އެމްބަސީ އާއި، ވިލާ ކޮލެޖާއި، ޗައިނީޒް ލެންގުއޭޖް ސެންޓަރަށް ޝުކުރުގެ ރަމްޒެއްގެ ގޮތުގައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޓީޗިންގ އެންޑް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޢަރީފެވެ.
މި ރަސްމިއްޔާތުގައި ކޯހުގައި ބައިވެރިވި ފަރާތްތަކުން ލަވައެއް ހުށަހެޅުން އޮތެވެ.
މި ކޯހުގައި އެކި ރޭންކުތަކުގެ 25 ފުލުހުން ބައިވެރިވެ، 23 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. މިއީ ބަހުގެ ހުރަސްތައް ނައްތާލުމަށާއި، ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިސްކަންދަރު ބިލްޑިންގައިގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ކޯހުގައި ބައިވެރިވި ފަރާތްތަކާއި، އެހެނިހެން ޝަރަފުވެރިން ބައިވެރިވެލެއްވިއެވެ. ރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޕޮލިސް ކޮލެޖްގެ މާލޭ ކެމްޕަހުގެ ހެޑް ރަނާ ވަޙީދެވެ.
އޭގެ ފަހުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރާއި ޗައިނީޒް ލެންގުއޭޖް ލަރނިންގ ސެންޓަރުގެ ޕްރޮފެސަރ މާ ޔުއެހަން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ ޗާޖް ޑެފެއާޒް އެޑް އިންޓަރިމް މިސް ހީ ފެން ވެސް ވާހަކަފުޅު ދައްކަވައި، ޤާނޫނު ތަންފީޒުކުރުމުގައި ސަގާފީ ގޮތުން އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.