26-02-2025

މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ވަޒީރު

މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، ޖަވާބުދާރިވެވަޑައިގަންނަވަމުން މިނިސްޓަރ ވަނީ ފާއިތުވި ދުވަސްތަކުގައި ވުޒާރާގެ އެކި މުއައްސަސާތަކުން ނެރެފައިވާ ނަތީޖާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

 

އެގޮތުން ޑްރަގް ކެފޭތައް ބަންދުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ 2023ވަނަ އަހަރު 113 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

 

އަދި މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

"2023 ވަނަ އަހަރު 3495 ބަނގުރާ ފުޅި އަތުލައިގަތް. މިދިޔަ އަހަރުގެ ތެރޭގައި ވަނީ 10،486 ބަނގުރާ ފުޅި އަތުލައިގަތް. ސަރުކާރު ބަދަލުވިއިރު ބެކްލޮގުގައި ހުރި 3348 އައިޑީކާޑު އެއްކޮށް ނިންމާ މިހާރު 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުންނަށް އައިޑީކާޑު ލިބެމުންދާނެ." މިނިސްޓަރ

 

މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓާފަވާއިރު ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

 

މީގެ އިތުރުން މާލެ ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި އައިޑީކާޑު އަދި ޕާސްޕޯޓު ހެދުމާއި، ދޫކުރުމުގެ ޚިދުމަތް ކުރިން ދީފައިނުވިނަމަވެސް މިހާރު މިހާތަނަށް 5 އަތޮޅެއްގައި މި ޙިދުމަތް އަލަށް ވަނީ ފަށާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

މިނިސްޓަރ ވިދާޅުވީ މި ޚިދުމަތް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.