22-02-2023

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ތުޅާދޫގައި ބާއްވައިފި

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބ.ތުޅާދޫގައި ބާއްވައިފިއެވެ. ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދުއެވެ.

ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ޝަހީދެއްގެ ހަށިގަނޑުން ބިމަށްޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތުކޮށްދޭ ގަހެއްކަމަށެވެ. އަޅުގަނޑުމެން ދަސްކުރަންވީ ދިވެހިރައްޔިތަކަށްވީތީ ފަޚުރުވެރިވާންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ ގައުމިއްޔަތު ބިނާވެފައިމިވަނީ އެކަތިގަނޑަކަށް ވުމުގެ މައްޗަށްކަމަށް. އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ މަތިވެރި އަބްޠާލުން އެދެއްކެވި މަގުން ކުރިއަށްދިއުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އަތުހިފައިގެން, އަތުގުޅާލައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އަޅުގަނޑުމެންނަށް މިއަދު އާދެވިފައި މިތިބަ ހިސާބަކީ ދުނިޔޭގެ އެންމެ އުސް ކުންނުތަކާއި ހިސާބު ކަމަށެވެ. ބައިނަލްއަޤްވާމީ އެންމެއުސް ކުރިބޯށިތަކުގައި މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި, ހުދުގެ ފަޚުރުވެރި ދިދަ ވިހުރެމުން އެބަދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަޚުރުވެރި ބަސް އދ.މަޖިލީހުގެ މައި މާލަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެބަ ގުގުމާލަދެއްވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ ކުދިޖަޒީރާ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި މިއަދު ސާބިތުވެފައިވާކަމަށާއި, އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާވެފައިވަނީ އަޅުގަނޑުމެންގެ ފަސްގަނޑަށް ލޭއޮހޮރުވާލެއްވި ވަރުގަދަ ބަޔަލުންތަކެއް, މުޖާހިދުންތަކެއްގެ މަތިވެރި ގުރުބާނީގެ މައްޗަށްކަމަށްވެސް ވިދާޅުވިއެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް މުޙައްމަދު މާހިރު އީސާ ވިދާޅުވީ ޤާއުމަށް ފައިދާހުރީ ޤައުމު އާރާސްތުކުރުމުގެ ކޮންމެ ކަމެއްގައި ހުރިހާ ބޭފުޅުން އެކުވެ, އެކަތިގަނޑަކަށް ވެވަޑައިގެންކަމަށެވެ. ވަކިވަކިވެ ދެބަސްވެވަޑައިނުގަންނަވަން އިލްތިމާސްކުރައްވަމުން ވިދާޅުވީ ވަކިވަކިވެ ދެކޮޅުވެރިވުމުގައި އޮތީ ގެއްލުމާއި ހަލާކުކަމަށެވެ.

"ފައިދާއާއި ނަސީބާއި ބާއްޖަވެރިކަން ލިބުންއޮތީ އެކުވެރިވެ އެއްބައިވުމުން. " ސްޓޭޓް މިނިސްޓަރ މާހިރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާގައި އަލިރަސްގެފާނުގެ މަތިވެރި ޖިހާދު ދައްކުވައިދޭ ފުރިހަމަ ތަމްސީލެއް ތުޅާދޫ ސްކޫލްގެ ދަރިވަރުން ހުށަހަޅައިދިނެވެ. އަދި ދުވަހާ ގުޅިގެން ތުޅާދޫ ސްކޫލްގެ ދަރވަރުންގެ މެދުގައި ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނެވެ.