މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ދުރުކުރުވުމަށް އެހީތެރިވާނެ ގޮތްތަކާ ގުޅޭގޮތުން ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް މައުލޫމާތުދީފިއެވެ.
މި ސެޝަންގައި މަސްތުވާތަކެއްޗަކީ ކޮބައިކަމާއި މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް އެހީތެރިވާނެ ގޮތްތަކާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެ ތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްދޭ ފަރުވާތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ނަފުސާނީ ބަލި ހުންނަ މީހުން އެކަމުން ސަލާމަތްކުރުމަށް ޕްރިވެންޝަން ޕްރޮގްރާމްތަކެއް ހިންގުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.
މިމަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތުދެއްވީ ގްލޯބަލް ޑިމާންޑް ރިޑަކްޝަން ޕްރޮފެޝަނަލް މާސްޓަރ ޓްރެއިނަރ ޢަލީ އަދީބެވެ.
މަސްތުވާތަކެތި ބޭނުންކުރުމުން ސަލާމަތްވުމަށް ޖާނީގެ ފަރާތުން އެހީތެރިވެދޭނެކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީ، ފަރުވާއަށް ގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޢަލީ އަދީބު ވިދާޅުވިއެވެ.