ރަމަޟާންމަހު އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އާންމުކޮށްފިއެވެ.
ޑީއެންއާރުން ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އެ ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ދެމުންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވުމާއެކު، އެ ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް ހާމަކޮށްފައެވެ.
އަދި ރަމަޟާންމަހު ރަސްމީ ދުވަސްތަކުގައި ނުވަތަ ރަމަޟާންމަހު ރަސްމީ ބަންދު ދުވަސްތަކުގައި ނަންބަރު ދޫކުރާ ގަޑި އާއި ނަންބަރު ދޫކުރާ ޢަދަދުވެސް ވަނީ ޑިއެންއާރުން އާންމުކޮށްފައެވެ.
އެގޮތުން ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:30އަށެވެ. ދޫކުރާނީ 150 ނަންބަރެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ 23، 25 އަދި 27ގައި ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:30އަށެވެ. އަދި މި ދުވަސްތަކުގައިވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ.
ޑީއެންއާރުން ވަނީ އައިޑީކާޑު ޙަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ޙަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއަކާއެކު ފޮނުވުމުން ޙަވާލުކުރެވޭނެ ކަމަށްވެސް ބުނެފައެވެ.
އަދި މީގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި ޑީއެންއާރުގެ ނަންބަރު 7280368އަށް ގުޅައިގެން އައިޑީކާޑުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.