23-02-2025

ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތަހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތަހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

ފުލުހުން ވިދާޅުވީ ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދިކަމުގެ ތަހުމަތު ކުރެވޭ މައްސަލައެއްގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

 

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. އުނގޫފާރު، ރިވެލި، 61 އަހަރުގެ މުޙައްމަދު އަމްޖަދާއި ރ. އުނގޫފާރު، ނަސީމީހިޔާ އުމުރުން 67 އަހަރުގެ މުޙައްމަދު ވަހީދެވެ.

 

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

 

މި މައްސަލަ ފުލުހުން ބަލަމުންދާއިރު ދާދިފަހުން ކުޅުދުއްފުށި ސިޓީ ގެޔަކުން، ވެސް ސިހުރު ހަދަން ބޭނުންކުރާ އެކިކަހަލަ އާލާތްތައް ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ.

 

މި މަހުގެ ވިހިވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް އިން ކުރިއަށް ގެންދިޔަ ސިހުރު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދިހަ ގެއެއް ބަލާ ފާސްކޮށްފައިވެއެވެ.