23-02-2025

440.7 ގްރާމްގެ މަސްތުވާތަކެއްޗާއެކު ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

މިއީ ކައުންޓަރ ނާކޮޓިސް އިންޓެލިޖެންސާއި ނ.ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

 

މިމަހުގެ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ.

 

މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމެވެ.

 

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރިކުރުމުން ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް އަދި މުޙައްމަދު މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

 

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.