21-02-2023

ފިކުރީ ހަނގުރާމައިން ސަލާމަތްވެ, އަޅުގަނޑުމެންގެ އުޞޫލުތައް ފުރިހަމަގޮތުގައި ދަމަހައްޓަންޖެހޭ

ފިކުރީ ހަނގުރާމައިން ސަލާމަތްވެ, އަޅުގަނޑުމެންގެ އުޞޫލުތައް ފުރިހަމަގޮތުގައި ދަމަހައްޓަން މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު ލުއައްޔު ސަޢީދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޝަހީދުގެ ދުވަހުގެ މުނާސަބަތުގައި ބ.ތުޅާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބުކުރައްވާ މިނިސްޓަރުގެ ނައިބު ވިދާޅުވީ މިއަދު ހަނގުރާމަކުރަނީ ކަނޑިބަޑިން ނޫންކަމަށެވެ. މިއަދު ހަނގުރާމަކުރަމުންދަނީ އިންސާނާގެ ސިކުނޑިއާކަމަށާއި, އެއީ ވަރަށްބޮޑަށް ވިސްނަން ޖެހޭކަމެއް ކަމަށެވެ. އެކަންކަމަށް ސަމާލުވެ, ސޯޝަލް މީޑިޔާގެ ވަޞީލަތްތަކަށްވެސް ރައްކާތެރިވުމަށް ދަރިވަރުންނާއި, ބެލެނިވެރިންނަށް މިނިސްޓަރުގެ ނައިބު އިލްތިމާސްކުރެއްވިއެވެ. ވިދާޅުވީ އެހެން ނޫންނަމަ އަޅުގަނޑުމެންގެ މިނިވަންކަމަށް ނުރަނގަޅު, ނޭދެވޭ އަސަރުކޮށްފާނެކަމަށެވެ. ލުއައްޔު ވިދާޅުވީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަންވާނީ މިނިވަންކަން ގެއްލުވާނުލާ ހަޤީޤީ މިނިވަންކަމުގެ ތެރޭގައި ކަމަށެވެ. އަލިރަސްގެފާނާއި, ޤައުމަށްޓަކައި ޝަހީދުވެދިޔަ އެހެން ބަޠަލުންވެސް އެބޭފުޅުންގެ އަމާނާތް ފުރިހަމަގޮތުގައި އަދާކުރައްވައިފިކަން ފާހަގަކުރެއްވިއެވެ. އެވަގުތަކު ކުރިމަތިލެވެން ތިބި ގޮތަކަށް, ލިބެން ހުރި ވަޞީލަތަކާއެކު ޤައުމުގެ ދިފާއުގައި ނިކުންނަން އަބަދުވެސް ތައްޔާރަށް ތިބުމަށް މިނިސްޓަރުގެ ނައިބު ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

" އެބޭފުޅުން ޝަހީދުވެގެން އެދިޔައީ އަޅުގަނޑުމެންނާ މިވަޠަން ހަވާލުކޮށްފަ. އަޅުގަނޑުމެންގެ ޒިންމާއެއް މިމިނިވަންކަން ދެމެހެއްޓުމަކީ. " މިނިސްޓަރުގެ ނައިބު ލުޢައްޔު ސައީދު ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަލިރަސްގެފާނު ޝަހީދުވެދިޔަ ގޮތް ދައްކުވައިދޭ ޑްރާމާއެއް ދަރިވަރުން ހުށަހަޅައިދިނެވެ. މިއަދަކީ މިއަހަރުގެ މާދަރީބަހުގެ ދުވަސްކަމަށްވެސްވާތީ ދަރިވަރުންނާއި, ބެލެނިވެރިން އަދި ޓީޗަރުންވެސް ރަސްމިއްޔާތުގައި ބައިވެރިވީ ދިވެހި ހެދުމުގައެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ ތުޅާދޫގައެވެ. މިރޭ ތުޅާދޫ ސްކޫލް ގޯތިތެރޭގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދުއެވެ.