16-02-2023

ކަށްވަޅަށް ދާންދެން ޚިދުމަތުގައި ދެމިތިއްބެވުމަކީ މިޤައުމުގެ ވަޠަނީ އެދުން- ސްޓޭޓް މިނިސްޓަރ

ކަށްވަޅަށް ދާންދެން ޚިދުމަތުގައި ދެމިތިއްބެވުމަކީ މިޤައުމުގެ ވަޠަނީ އެދުންކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާ ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް ދެއްވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވެވި ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އީސާ ވިދާޅުވީ ޤައުމީ ޚިދުމަތަކީ ނިމުމެއް ނެތް ޚިދުމަތެއްކަމަށާއި, ޤައުމަށް ގިނަ ދުވަހު ޚިދުމަތްކުރެއްވުމަކުން އަދި ނުނިމޭކަމަށެވެ.

 

ދުނިޔެ ދޫކުރައްވާ ދާއިމީ ގޯއްޗަށް ވަޑައިގަންނަވަންދެން ޚިދުމަތުގައި ދެމިތިއްބެވުމަކީ ޤައުމީ އެދުން، މިޤައުމުގެ ވަޠަނީ ގޮވުން. ޤައުމަށް ޚިދުމަތްކުރުމަކީ ހަމައެކަނި އޮފީހުގައި ނުވަތަ ސަރުކާރުގައި މަސައްކަތްކުރެއްވުމެއްނޫން. ދައުލަތަށް މަސައްކަތްކުރެއްވުމުގެ މަރުހަލާއަށްފަހުވެސް ޤައުމީ ޚިދުމަތުގައި ދެމިތިއްބެވޭނެ ކިތަންމެއް ގޮތެއް އެބަހުރި.

 

ސްޓޭޓް މިނިސްޓަރ ވިދާޅުވީ އަދު މިދެކޭ ޤައުމު ބިނާކުރުމުގެ މޭސްތިރިންނަކީ ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންކަމަށެވެ. އަދުގެ ޖީލުގައި މިތިބަ ޒުވާން ޚިދުމަތްތެރީންނަށް އެ ބޭފުޅުންގެ  ތަޖުރިބާއާއި، ޢިލްމާއި، ހިލްމްގެ  އިރުޝާދާއި ލަފާފުޅު ދެއްވުމަށް ސްޓޭޓް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

 

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޚިދުމަތުގެ ޝަރަފްގެ މިފިލައަކީ އެބޭފުޅުންގެ ޚިދުމަތާއި، ކުރެއްވި މަސައްކަތްޕުޅުގެ  އަގެއްނޫންކަމަށާއި, އޭގެ ރަމްޒީ ނިޝާނެއްކަމަށެވެ.

 

ރައީސުލްޖުމްހޫރިއްޔާ ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ދެއްވަނީ 

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ދެއްވަން ސަރުކާރުން ފައްޓަވާ އެކަން ކުރިއަށްގެންދަވާތީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އީސާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޝުކުރު ދަންނަވާފައެވެ. ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންގެ ޚިދުމަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަންކުރައްވާ މިންވަރުކަމަށެވެ. އިނާމް ހާޞިލްކުރެއްވި ހުރިހާ ބޭފުޅުންނަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އީސާ މަރުހަބާ ދެންނެވިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ ޝަރަފްވެރި އިނާމް ބުރާސްފަތި ދުވަހުގެރޭ ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ 86 ބޭފުޅަކަށް ދެއްވިއެވެ.