27-09-2022

ޤައުމު ޤައުމެއްގެ ގޮތުގައި

ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ ދިވެހި ޤައުމިއްޔަތުގެ ބަހާތައް މިއަދުގެ ޖީލުން ފުރިހަމައަށް ނަގަހައްޓާ ދަމަހައްޓައިގެންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހއ.އުތީމުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ޤައުމެއްވެސް ބިނާވެގެންވަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ ބަހާތަކާއި,އަސާސްތަކާ ރުކުންތަކުގެ މައްޗަށްކަމަށެވެ. އެގޮތުން ދިވެހި ޤައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހިބަހާއި, ދިވެހި ޘަޤާފަތާއި އާދަކާދަތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޤައުމު ޤައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ އެކަންކަމަށް ރައްކާތެރިވެގެންކަމަށެވެ.

"އުފެދި ބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްޙަ އަޤީދާ ކަނޑާ ބިންވަޅުނެގިގެން. އީމާންކަމުގެ ރުކުންތަކާއި, އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް ދަސްކޮށްދެވިގެން. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި ރޫހު ސާބިތުކުރާ އަސާސްކަމުގައި ހަދައިގެން. އިސްލާމީ ރިވެތި އަޚުލާޤުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން. ދިވެހި އަދަބިއްޔާތާ ބަސްމޮށުންތެރިކަމަށް ސަމާލުކަމާ އިސްކަންދެވިގެން. ދިވެހި ތާރީޚާއި, ޘަޤާފަތާ އާދަކާދަތައް ނަގަހައްޓާ ދިރުވައިގެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅިވީ ޤައުމެއް ކުރިއަރާ ތަރައްޤީވާނީ އެޤައުމެއްގެ ދަރީން ބިނާކޮށް, ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެންކަމަށެވެ. މީހުން ބިނާކުރުމުގައިވެސް އެންމެ ކާމިޔާބު ފަލްސަފާއަކީ ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ ފަލްސަފާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ " މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ." ފަލްސަފާއެވެ.

މިނިސްޓަރ ވިދާޅުވީ ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަ ސިފަތަކެއް ބޮޑުތަކުރުފާނުގެ ކިބައިން ފެންނަން ހުރިކަން އެތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ފެންނަކަމަށެވެ. އެގޮތުން ޢިލްމްވެރިކަމާއި, ހިކުމަތްތެރިކަމާއި, ކެތްތެރިކަމާއި, އޯގާވެރިކަން އިސްކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނަކީ އާދަޔާހިލާފަށް ނެވިކަމާއި, ހެވިކަން ދަސްކުރައްވައިގެން މައިދާނަށް ނިކުންނެވި ކޮމާންޑަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދިހަމައެހެންމެ އެއީ އިސްނެންގެވުމާއި, ކެރިވަޑައިގަތުމާއި, ޖެހިލުންކުޑަކަމުގެ ސިފަ ލިބިވަޑައިގެން ހުންނެވި ވަރުގަދަ ލީޑަރެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އުތީމްގައި މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އިތީމް ކައުންސިލާއި މުއައްސަސާތަކާއި, ރައްޔިތުންގެ ކުރައްވާ ބުރަ މަސައްކަތާއި, ޤުރުބާނީ ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.