މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ދައުވަތަކަށް ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
ވަފްދުގެ ބޭޅުންނާ މިއަދު މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައެވެ.
މިއީ ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ، މިނިސްޓްރީ އޮފް އިންޓީރިއާ އޮފް ދަ ކިންގްޑޮމް އޮފް ސައުދީ އަރަބިއްޔާއިން ފޮނުއްވި ވަފުދެކެވެ.
ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ މޭޖަރ ޖެނެރަލް ނާސިރު އުޘްމާން އަލްނާސިރުއެވެ. ނުވަ ބޭފުޅުން ހިމެނި ވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުއާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ލުއައްޔު ސައީދުއާއި، އަބޫބަކުރު ޢަބުދުލްކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މިވަފްދުގެ ބޭފުޅުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މިއަހަރުގެ މާރޗް މަހު ސައުދީ އަރަބިއްޔާގެ ދާޚިލީ ވަޒީރުގެ ދައުވަތަކަށް އެޤައުމަށް ވަޑައިގެންވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.