ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން

`

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ  ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ  އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(25  ޖެނުއަރީ 2025)

 

ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު  އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.   މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

 

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޤައްސާން މައުމޫން ، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ، ޑެޕިއުޓީ ކޮމިޝަނަރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުންނާއި އެންމެހާ ރޭންކްތަކުގެ ފުލުހުން، މިރަސްމިއްޔާތުގަ ދައުވަތުއެރުވިގެން ވަޑައިގެންދެއްވި އެންމެހާ އިއްޒަތްތެރިން، މި ރަސްމިއްޔާތު އެބަޔަކަށްޓަކައި ޝަރަފުވެރިކުރެވިގެންވާ މިދަރިވަރުންގެ މިއަދުގެ ޝަރަފްވެރި ބެލެނިވެރިން، އަދި މިއަދު މިކޯސް ނިމިގެން ފުލުހުންގެ ސަފުތަކާ ރަސްމީގޮތުން ތަމްރީން ލިބިފައިތިބި ފުލުހުންގެ ގޮތުގައި، ގުޅެމުންދާ ފުލުހުން.

السلام عليكم ورحمة الله وبركاته. 

 

އެންމެ ފުރަތަމަވެސް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންދެއްވި ކަމަށްޓަކައި މިނިސްޓަރ ޤައްސާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިޔަ ދަރިވަރުން 06 މަސްދުވަހުގެ ތަމްރީނެއްގެ ތެރެއިން، ބޮޑުބައެއް ނިންމާ މިއަދު ތިހޯއްދެއްވި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ތިޔަ އެންމެހާ ފުލުހުންނަށް އައްސަރިބަހާ ސާބަސް އަދި މަރުޙަބާ ދަންނަވަން.

 

ދިވެހިރާއްޖޭގެ އަދުގެ ފުލުހުން ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ 04 މަސައްކަތަކީ އަޅުގަނޑު އަބަދުވެސް ތިބޭފުޅުނަނަށް ހަނދާން ކޮށްދެމުން އަންނަ 04 މަސައްކަތް. މިއަދު ތަމްރީންވެގެން ފުލުހުންގެ ސަފުތަކާ ގުޅިގެންދާއިރުގައި ދިވެހިރާއްޖެއިން ޑްރަގްސް އެއްކޮށް ނައްތާލުމާ، ގޭންގް ހަދައިގެން ކުށްތައް ކުރުން އެއްކޮށް ހުއްޓުވުމާ، ދިވެހިރާއްޖޭގައި އޮތް ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމާ، އޭގެ އިތުރުން ކުށުގަ ވެށީގަ އުޅެމުންދާ ކުދަކުދިންނާ ކުށަށް އަރައިގަންނަ ކުޑަކުދިން ސަލާމަތް ކުރުމަށް ތިޔަ އެންމެހާ ފުލުހުންގެ އަރިހުން އަޅުގަނޑު އެދެން. ތިޔަ ފުލުހުންނަކީ މިދެންނެވި މަސައްކަތުގެ އިތުރުން ބައިވަރު ޒިންމާތަކެއް ހަވާލުވެގެން ފުލުހުންގެ ސަފުތަކުގައި މަސައްކަތް ކުރަމުންދާނެ ފުލުހުން. މިގޮތަށް މިމަސައްކަތް ކުރަމުން ދާއިރުގައި ރައްޔިތުން އެދޭ ވަރަށް މުހިންމު އެދުންތަކެއްވޭ. އޭގެތެރޭގައި ދިވެހިރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ، ޚިދުމަތް އަވަސް ކުރުމަކީ ރައްޔިތުން އެދޭ އެދުމެއް.

 

ނިމިދިޔަ އަހަރީ ފުލުހުންގެ ޚިދުމަތް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅަށް ދެވުނު އަހަރެއް. ދިވެހިރައްޔިތުންނަކީ ހަމަ އަޅުގަނޑެކޭވެސް އެއްފަދައިން މިދިޔައަހަރަށް ވުރެ ކުރާ އުއްމީދު އިރުތުވެ، ފޮނިކޮށް ފުލުހުންގެ ފަރާތުން  އެއުއްމީދު މިއަހަރު ކުރަން ބޭނުންވާ ރައްޔިތުން. ތިޔަ ފުލުހުންގެ ފަރާތުން އެއޮތް އެކްސްޕެކްޓޭޝަންގެ ބަރ މިދިޔައަހަރަށްވުރެ މިއަހަރު މަތިވާނެ. އެންމެހާ ފުލުހުން ޚިދުމަތުގައި މިންކުރެވިގެންދާގޮތް މިދިޔަ އަހަރަށްވުރެ މަތިވާނެ. މި ޗެލެންޖް އެކްސެޕްޓް ކޮށްގެން ރައްޔިތުން އެދޭފަދަ ޚިދުމަތެއް ދިނުމަށް އަތުކުރި އޮޅާލައިގެން މިރޭ މި ނިމިގެންދާކުދިން ސަފުތަކާ ގުޅުމަކީ އަޅުގަނޑުގެ އެދުން.

 

އަސާސީ ތަމްރީނަކީ ނުވަތަ އިނީޝިއަލް ޓްރޭނިންގ އަކީ އެންމެ ފުރަތަމަ ފުލުހަކަށް ވުމަށްޓަކައި އަޅާ ފުރަތަމަ ފިޔަވަޅު ތަކުގެ ތެރެއިން ފިޔަވަޅެއް. ކުރިއަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިއުމަށް ބޭނުންވާ ތަމްރީން ހޯދުމާ، އެކިއެކި އުކުޅުތައް ދަސްކުރުމާ، މިކަންކަމަށް އާލާވެ ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން ފުލުހުންގެ ޚިދުމަތުގައި އެއްދުވަހަށްވުރެ ފުރިހަމަ ޚިދުމަތަށް އަނެއްދުވަހު ދިނުމަށް އަޒުމް ކަނޑައެޅުމަކީ މިކެރިއާގަ ތިކުދިންނަށް ކުރިއަށް ދިއުމުގަ އަޒުމް ކަނޑައަޅައިގެން ދާންޖެހޭ މިސްރާބު. ވެރިންނަށް ކިޔަމަންވުމާ، ރިވެތިބަހުން ރައްޔިތުންނާ، އިޙްތިރާމާ ލޯތްބާއެކު މުޚާތަބުކުރުމާ، އަދި ޚިދުމަތުގައި ރައްޔިތުމީހާއަކީ ތިމާގެ އެންމެ އިސްވެރިއާކަމަށް ދެކުމަކީ ވަރަށް މުހިންމުކަމެއް.

 

ދިވެހިރާއްޖޭގައި ދެމުންއަންނަ ފުލުހުންގެ ޚިދުމަތަކީ އުނދަގޫ ޚިދުމަތެއް. ގިނަ ރަށްތަކަކަށް ބެހިގެންވާ ގުދުރަތީ ގޮތުން އެއްތަނުން އަނެއްތަނަށް ދިއުމަށް  އާއްމުކޮށް އެހާ ފަސޭހަނޫން ގޮތަކަށް އޮތް ޑިސްޓްރިބިއުޓެޑް ނޭޗަރއެއްގައޮތް ޚިދުމަތެއް. މިޚިދުމަތުގަ އުޅޭއިރު އަޅުގަނޑުމެންނަށް އަބަދު ޚިދުމަތް ކުރަންލިބޭނީކީ އެންމެ ހިތްއެދޭ ތަނުގައެއްނޫން. އެހެންނަމަވެސް އެމީހާގެ ޑިއުޓީ ކޮންމެ ދިމާލަކަށް ޖެހުނަސް އެންމެ ހިތްއެދޭގޮތަށް އެ ޚިދުމަތްދޭން އަޒުމު ކަނަޑައަޅައިގެން ޚިދުމަތުގެ ފެންވަރު އެންމެ ރަނަގަޅަށް ދިނުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނެ.

 

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރަމުންދާއިރުގަ މިއަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިއުމަކީ އަޅުގަނޑުމެން އަމާޒުކުރާ އަމާޒު. މިހެންދާއިރުގަ އަޅުގަނޑުމެންގެ ތެރެއިން ގިނަ ފުލުހުން ރަށްރަށަށް ޑިޕްލޮއި ކުރެވޭނެ. އެކުރެވޭއިރު މުޖުތަމައާ ގުޅިގެން މުޖުތަމައުގަހުރި ކަންތައްތައް ދެނެގަނެގެން މުޖުތަމައަކީ ކުށުން ސަލާމަތް ވެފައިވާ މުޖުތަމައެއްކަމަށް ހެދުމަށް ކޮންމެ ފުލުހަކުވެސް އަޒުމް ކަނޑައަޅަންވާނެ.

 

ވަނަވަނައަށް މިއަދު ހޮވުނު ދަރިވަރުން، ތިޔަ ދަރިވަރުން ނުވަތަ ތިޔަ ފުލުހުންނަކީ އާދަޔާ ޚިލާފު ހުނަރުތަކެއް ހުރުމުގެ ސަބަބުން މިއަދު ތިކާމިޔާބު ހޯދި ކުދިން. ތި ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއަށްހުރި ތަމްރީން ތަކުގަވެސް މިފަދަ ވަނަތައް ހާސިލު ކުރުމަކީ އަޅުގަނޑު ތިކުދިންނަށް ދޭނެ ނަޞޭޙަތް. މިއަދު ވަނަވަނަ ނުލިބުނުކަމުގައި ވިއަސް ދަސްވެނިވި ހުރިހާ ކުދިންނަކީވެސް ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ތިކުދިންނަށް މަރުޙަބާކިޔާ އައްސަރިބަހާ ސާބަސްދޭ ކުދިން.

 

ލޮބުވެތި ބެލެނިވެރިން. ތިޔަ ބެލެނިވެރިންގެ ދަރީން ތަޢުލީމުދީ ބޮޑުކޮށް އަޅުގަނޑުމެންގެ ގައުމީ ޚިދުމަތަށް ނެރެދެއްވާކަމީ ތިބޭފުޅުން ގައުމާ ދޭތޭރޭ ދެކޭގޮތް ވަރަށް ރަނގަޅަށް ސާބިތުވެގެންދާކަމެއް. މިކަމަށްޓަކައި ގައުމީ ޚިދުމަތަށް މި ދަރިން ނެރުނު ހުރިހާ ބެލެނިވެރިންނަށް އަޅުގަނޑު ޝުކުރު އަދާ ކުރަން.

 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ ބުރަ މަސައްކަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެވުން. އަދި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯބި ލިބިގެންވާ ޚިދުމަތެއްކަމުގައި ހެދުމަށް އަޅުގަނޑުމެން އެންމެން ރެއާދުވާލު މިކުރާ މަސައްކަތުގައި ﷲ  ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެވުން.  

   

ކުރިއަށް ދިވެހި ގައުމު.

 

 

والسلام عليكم ورحمة الله وبركاته.