25-07-2024

ހުޅުމާލޭ ހާފްވޭ ހައުސްގެ ޚިދުމަތްތައް ފުޅާކޮށް، އައުޓްޕޭޝަންޓް ޚިދުމަތް ފަށަނީ

ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނުގައި އައުޓް ޕޭޝަންޓް ކްލިނިކްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ވަނީ މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

 

ލުބްނާ ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް ވޭތުވެދިޔަ 13 ވަރަކަށް އަހަރު އެކަށީގެންވާ ޚަރަދުތަކެއް ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މިއަހަރުތެރޭގައި ގެނައުންކަން ލުބްނާ ފާހަގަކުރެއްވިއެވެ.

 

ލުބްނާ ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގައި އައުޓް ޕޭޝަންޓް ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.

 

"ބޯޑުން ވަނީ މިހާރު ނިންމާފައި ހުޅުމާލޭ ހާފްވޭ ހައުސްގައި ފަރުވާއަށް އައުޓްޕޭޝަންޓު ކްލިނިކްގެ ޚިދުމަތް ފެށުމަށް. އޭގެ މާނައަކީ ޢައިލާކައިރީގައި ތިބެގެން ވަކި ގަޑިތަކެއްގައި ގޮސް ބޭނުންވާ ފަރުވާ ކުރިއަށްގެންދެވޭނެ ނިޒާމެއް ޤާއިމުކުރުން. ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރް"

 

މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެކަން ޙައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.