25-07-2024

ފަރުވާއަށް އަމިއްލައަށް އެދިގެން އަންނަ މީހުންގެ އަދަދު މިހާރު ގިނަ: ލުބްނާ

މަސްތުވާތަކެތީގެ ފަރުވާއަށް އަމިއްލައަށް އެދިގެން އަންނަ މީހުންގެ އަދަދު މިހާރު ވަރަށް ގިނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

 

އެންޑީއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މިހާރު ކުރަމުންދަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރުމުގެ ކަންކަން ކަމަށެވެ.

 

"އެނގިވަޑައިގަންނަވާނެ މަސްތުވާތަކެތީގެ ފަރުވާއަށް މީހަކު އެދޭ ވަގުތު، އެ މީހަކަށް ނުލިބެންޏާ، ނޫނީ އަވަހަށް ފަރުވާ ނުލިބެންޏާ އެ މީހެއް އަޅުގަނޑުމެންނަށް ގެއްލިގެންދާނެ. އެހެންވީމާ ވަރަށް މުހިންމު ކަމެއް މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި އަވަހަށް ފަރުވާ ފޯރުކޮށްދިނުމަކީ. ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު"

 

ނުރައްކާތެރި މަސްތުވާ އެއްޗެއް ކަމަށްވާ މެތަމްފެޓަމިން އަދި ގިނަ ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުންދާކަން ލުބްނާ ފާހަގަކުރެއްވިއެވެ.

 

އަދި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ކެނަބިސްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވި ފާއިތުވީ 7 އަހަރުގެ ތެރޭގައިވެސް ރާއްޖޭގައި އެންމެ އާންމުކޮށް ގެންގުޅުނީ މަސްތުވާތަކެތީގެ މި ދެ ބާވަތް ކަމަށެވެ. ނަމަވެސް މަދުން މަސްތުވާތަކެތީގެ އެހެން ބާވަތްތައް ރާއްޖޭން ވެސް ފެންނަމުންދާތީ، އެކަމަށް ސަމާލުވެ، ފަރުވާގެ ނިޒާމު ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

މަސްތުވާތަކެއްޗާ ދެކޮޅަށް އިތުރު ޑޮކްޓަރީ ބޭހެއްގެ ފަރުވާ ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ލުބްނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ފަރުވާ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ.

 

މިހާރު އެންޑީއޭގެ ގްރީންގޭގައި ހުންނަ ކްލިނިކް މެދުވެރިކޮށްވެސް އެ ފަރުވާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެންޑީއޭގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތްއިރު، މަސްތުވާތަކެތީގެ ފަރުވާއަށް ޑްރަގު ކޯޓުން ހުކުމްކޮށްފައި ތިބި ގާތްގަނޑަކަށް 754 މީހުންނަށް ފަރުވާ ނުދެވިވާ ކަމަށް ލުބްނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

 

އެންޑީއޭގެ ރީހެބް ސެންޓަރުގެ ކެޕޭސިޓީއަކީ 170އެވެ. އެހެން ނަމަވެސް 200 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.