09-02-2025

ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ފަށާފައިވާ މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ މި އަހަރު އިތުރުވެގެންދާނެ"

ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ފަށާފައިވާ މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ މި އަހަރު އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ވަސީލަތްތަކުގެ ގޮތުން މި އަހަރު އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

 

އަދި ޤައުމުގެ އަމަންއަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރުން ނުހަނު އިސްކަންދީގެން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

 

އެގޮތުން  17ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ވަނީ ހުޅުވާފައި ކަމަށާއި އަދި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނުވާ 39 ރަށުގައި، މި އަހަރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މީގެ އިތުރުން،  20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

 

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން އަންނަނީ ކުރަމުންނެވެ.