06-02-2025

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43 ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި: ރައީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43,294 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޢިއުލާންކުރައްވައިފިއެވެ.

 

ރައީސް މިކަން ޢިއުލާން ކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

 

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ  02 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރަނގި އޮޕަރޭޝަން ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތުވެސް ކުރިއަށްދާ ކަމަށާއި މިހާތަނަށް  59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވަނީ އެއްކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43,294   ބިދޭސީންގެ މަޢުލޫމާތު ވަނީ އޮޕަރޭޝަން ކުރަނގިން އެއްކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ރައީސް ވަނީ ޤައުމުގެ އިޤްތިސާދު، އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްސަކޮށް، ބޭރު ފައިސާގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަކަން ފާހަގަކުރައްވާފައެވެ.

 

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

 

ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.