16-10-2024

"އޮޕަރޭޝަން ކުރަނގި": 4،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.

 

މި އޮޕަރޭޝަން ފެށީ މިއަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.

 

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދިޔުމަށް ނިންމާފަވާއިރު މީހުން ދިރިއުޅޭ 45 ރަށެއްގައި މިހާރު ވަނީ މި އޮޕަރޭޝަން ފަށާފައެވެ. މިހާތަނަށް ވަނީ އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގާފައެވެ.

 

އެ 45 ރަށުން ވަނީ ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައެވެ.

 

"އޮޕަރޭޝަން ކުރަނގި" ގެ ބައެއް ހިސާބުތައް

 ހއ. ދިއްދޫން 390 ބިދޭސީން

 ރ. އަލިފުށިން 178 ބިދޭސީން

 ރ. ދުވާފަރުން 140 ބިދޭސީން

 ކ. ގާފަރުން 105 ބިދޭސީން

 ކ. ހިންމަފުށިން 701 ބިދޭސީން

 ކ. މާފުށިން 1،076 ބިދޭސީން

 ލ. ގަމުން 200 ބިދޭސީން

 ސ. ހިތަދޫން 114 ބިދޭސީން

 

"އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ ޢިހުސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ޤައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

 

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.