15-10-2024

ވޭޕް މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއް: ވަޒީރު ޢިހްސާން

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއް ކަމަށް ދާހިލީ ވަޒީރު ޢަލީ ޢިހްސާން ވިދާޅުވެއްޖެއެވެ.

 

ވަޒީރު މިފަދައިން ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކޮށް، އެތަކެތި ގެންގުޅުމާއި އަދި ވިއްކުން ވެސް މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

 

ވަޒީރު ވަނީ ދިވެހިދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި އޮތް ވޭޕް ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަކީ މި ޤައުމު ތާއަބަދަށް ޝުކުރުވެރިވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

 

އަދި ރައީސްގެ ނިންމެވުމަކީ ޤައުމީ ބޮޑު ނިންމެވުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

ރައީސް ވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.

 

ރައީސް މިގޮތަށް އަންގަވާފައިމިވަނީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގައެވެ.

 

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ މާދަމާގެ މުސްތަޤުބަލަށް ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް ގިނަ ބަޔަކު އަންނަނީ މަރުޙަބާ ކިޔަމުންނެވެ.