23-07-2024

"ނާރެސް" ޕޯޓަލް އިފްތިތާހުކޮށްފި

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

 

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި "އޮޕަރޭޝަން ކުރަނގި" ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ."އޮޕަރޭޝަން ކުރަނގި" ފޭސް2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.

 

މިހާރު އައިޑީ ކާޑު ހެދުމަށް އެދި ހުށަހެޅެނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެ ބަދަލާ އެކު އުމުރުން ދުވަސްވީ ފަރާތްތަކަށް ކާޑު ހެދުމުގައި ވަނީ އުދަނގޫތަކާ ކުރިމަތިވެފަ އެވެ. އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިކަން ފިލުވުމުގެ ގޮތުން މިނިސްޓްރީން ކައުންސިލްތަކާ އެކު ފެށި މަސައްކަތަކީ ނާރެސް ޕޯޓަލް ތައާރަފު ކުރުމެވެ.

 

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. މާލެ އެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ދިހަ އިނގިލީގެ ނިޝާން ނަގައި ފިންގަ ޕްރިންޓް ޑިވައިސްތަކެއް ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެ އިތުރުން މިނިސްޓްރީން ވަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލުތަކާ ގުޅިގެން ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އަލީ އިހުސާނެވެ. ލޯކަލް ގަވަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.