18-07-2024

ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރާނަން: ޢަލީ އިޙްސާން

ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުން މިހާރަށްވުރެވެސް މަތީ ހިސާބެއްގައި ހިފެއްޓޭތޯ ބައްލަވާނެ ކަމަށާއި، އެ ހިފަހައްޓާ ހިފެއްޓުމުގައި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށެވެ.

 

ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު ޚިދުމަތް ވީހާވެސް ގާތުން ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަކީ އެދޭ އެދުމެއްކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

 

"ރައީސްގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން. ކަސްޓަމްސްގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން"

 

ކަސްޓަމްސްގެ ޚިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔުނީފޯމް އަޅައިގެން ދޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

 

އަދި ކަސްޓަމްސްގެ ޚިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިންދޭ އެންމެ އުނދަގޫ އެއް ޚިދުމަތް ކަމަށާއި، ރައްޔިތުންނާއި ގާތުން ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު އެ ޚިދުމަތަކީ ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.