11-09-2024

ބިދޭސީން މަސައްކަތްކުރާ ވޯކް ސައިޓް ރަޖިސްޓްރީކުރުމަށް ބަދަލުތަކެއް ގެނެސްފި

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި، ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މުރާޖަޢާކޮށްފިއެވެ.

 

ފޯމްތައް މުރާޖާޢާކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

 

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް މިނިސްޓްރީން މުރާޖަޢާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މިގެނެވުނު ބަދަލުތަކަކީ ބިދޭސީންގެ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް އެފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.

 

އެގޮތުން، ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި، މަސައްކަތުގެ ބާވަތައް ބަލައި 5 ބާވަތެއްގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

* ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް (ކޮންސްޓްރަކްޝަން) ފޯމް

* ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް

* ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު

* ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު

* އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު